ދިވެހި ސަރުކާރުތަކުން އެކި ދާއިރާތަކުގެ ތަރައްގީއަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީގެ ޖުމްލަ އަދަދު 1.78ބިލިއަން އެމެރިކާ ޑޮލަރަށް އިތުރު ވެއްޖެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް އެންޓަޕްރައިސަސް އިން ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އެކި ދާއިރާތަކުގެ ތަރައްގީއަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީގެ ޖުމްލަ އަދަދު 1.78ބިލިއަން އެމެރިކާ ޑޮލަރު، 650މިލިއަން ދިވެހި ރުފިޔާ އަދި 30ބިލިއަން އިންޑިއަން ރުޕީސްއަށް އަރައެވެ.

ޚާއްސަކޮށް 2023ވަނަ އަހަރުން ފެށިގެން ދައުލަތުން ދޫކުރި ގެރެންޓީތަކަށް ބަލާއިރު، މި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކަނި ވެސް 699.5މިލިއަން ޑޮލަރާއި، 650މިލިއަން ރުފިޔާގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރިޒާވް ވަރުގަދަކުރުމަށް އިންޑިއާއެކު ހެދި 30ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ހިމެނެ އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ، 2023ގެ ފަހުން އެކަނިވެސް ޖުމްލަ 16.8ބިލިއަން ރުފިޔާގެ ގެރެންޓީ ސަރުކާރުން ވަނީ ކުންފުނިތަކަށް ފަހިކޮށްދީފައެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން ދޫކޮށްފައިވަނީ ޖުމްލަ 125މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.9ބިލިއަން ރުފިޔާ)ގެ ގެރެންޓީއެވެ. މިއަހަރު ދޫކުރި ހުރިހާ ފެސިލިޓީތަކެއް ވެސް ހާއްސަކޮށްފައިވަނީ ރާއްޖެ އަށް އަސާސީ މުދަލާއި ތެޔޮ އެތެރެކުރާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އަށެވެ.

މިއަހަރު އެސްޓީއޯއަށް ދޫކުރި ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ  ސީނިއާ ޓާމްސް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ޖެނުއަރީ 28ގައި ދޫކުރި 100މިލިއަން ޑޮލަރާއި އައިޓީއެފްސީ ސިންޑިކޭޓަޑް މުރާބަހާ ފައިނޭންސިންގްގެ ގޮތުގައި ޖޫން 10ގައި ދޫކުރި 25މިލިއަން ޑޮލަރެވެ.

ރާއްޖޭގައި ސޮވެރިން ގެރެންޓީ އެންމެ ފުޅާދާއިރާއެއްގައި ދޫކުރަން ފެށީ 1993ވަނަ އަހަރުން ފެށިގެން މިފްކޯ އަދި އެސްޓީއޯގެ ވޯކިން ކެޕިޓަލްއަށެވެ. ނަމަވެސް، އެންމެ ބޮޑެތި އަދަދުތަކުން ގެރެންޓީ ދޫކުރެވުނީ 2016އާއި 2018އާ ދެމެދު ހިންގުނު ބިޔަ މަޝްރޫއުތަކަށެވެ. މީގެތެރޭގައި ހިމެނެނީ ހިޔާ މަޝްރޫއު 7000ހައުސިންގް ޔުނިޓް އައިސީބީސީ ބޭންކުން ނެގި 368.9މިލިއަން ޑޮލަރާއި ހުުޅުމާލެ 1530ހައުސިންގް ޔުނިޓް ތަރައްގީ ކުރަން ޗައިނާ ޑިވެލޮޕްމަންޓް ބޭންކްގެ 159މިލިއަން ޑޮލަރު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން 2021ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހައުސިންގް މަޝްރޫއުތަކަށް ދޫކުރި ޖުމްލަ 226.9މިލިއަން ޑޮލަރު އަދި ސްޓެލްކޯ ފިފްތް ޕަބާ ގްރޭޓަރ މާލެ ގްރިޑް މަޝްރޫއަށް ނެގި ޖުމްލަ 114މިލިއަނަށްވުރެ ގިނަ ޑޮލަރެވެ. އަދި ފާއިތުވި 2023ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަނާއި އެޗްޑީސީގެ ދިވެހި ރުފިޔާގެ ފެސިލިޓީތަކަށް ޖުމްލަ 650މިލިއަން ރުފިޔާގެ ގެރެންޓީވެސް ދީފައިވެއެވެ.

Leave a Reply