ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ފެންބޮޑުވެ ގެއްލުން ލިބުނު ފަރާތްތަކަށް މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، ކައްކައިގެން ކެވޭނެ ގޮތް ނެތް ތިން ގެއެއްގެ މީހުންނަށް ކުރިއަށް އޮތް ތިން ދުވަހަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދީފައިވާއިރު، ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގޭގެ މީހުންނަށް ވަނީ ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާ އެކު ކާބޯތަކެތި ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ދެކުނުގެ އެހެން ރަށްތަކަށް ވެސް މި ވިއްސާރައިގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެގޮތުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނަރުދަމާގެ މައްސަލަތައް ދިމާވެ، ގޭގޭގެ ފާހާނާ ހޮޅިތައް ބެދުމުގެ ޝަކުވާތައް ލިބެމުންދާކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ. މި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެރަށުގެ ކައުންސިލާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކުރާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް ބެލެވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެއެވެ. މީގެ އިތުރުން، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

Leave a Reply