ސޮނޭވާ ހޯލްޑިންގްސްގެ މެޖޯރިޓީ ޝެއާ ހޯލްޑަރުގެ ހިއްސާ ވިއްކާލުމުގެ މަރުހަލާ ފަށަން ސިންގަޕޫރުގެ އިންޓަނޭޝަނަލް ކޮމާޝަލް ކޯޓުން އަމުރުކޮށްފިއެވެ.

މި އަމުރު ނެރެފައިވަނީ ލަގްޒަރީ ރިސޯޓް ގްރޫޕްގެ ފައުންޑަރ ސޯނޫ ޝިވްދަސާނީ އާއި މެޖޯރިޓީ ޝެއަރހޯލްޑަރާ ދެމެދު އުފެދުނު މައްސަލައަކާ ގުޅިގެންނެވެ. ސިންގަޕޫރުގެ ކޯޓުން ވަނީ އަންނަ ނޮވެބަރު މަހުގެ 15ގެ ކުރިން މަސައްކަތް ފަށަން އަމުރުކޮށްފައެވެ.

ލިންކްޑްއިންގައި ކުރި ޕޯސްޓެއްގައި ސޯނޫ ޝިވްދަސާނީ ބުނެފައިވަނީ އޭނާ އާއި އީވާ ޝިވްދަސާނީ ގުޅިގެން އުފެއްދި ވިޔަފާރީގެ މުސްތަޤުބަލާމެދު މި ނިންމުމުގެ ސަބަބުން ސާފު މަންޒަރެއް ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި އެ ދެމަފިރިން މިހާރު ސޮނޭވާ ފުށީގައި ދިރިނޫޅޭ ކަމަށާއި، ލަގްޒަރީ ހޮސްޕިޓަލިޓީގެ އައު ބާބެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ސިންގަޕޫރު ކޯޓުން ނިންމާފައިވަނީ ސޮނޭވާ ހޯލްޑިންގްސްގެ މެޖޯރިޓީ ޝެއާހޯލްޑަރު ކަމަށްވާ ސްޓީލް އެސްވީއޭ ހޯލްޑިންގްސް އިން ވިޔަފާރިއަށް ފަންޑުކުރުމަށް ދޫކުރި ޑެޓް ސެކިއުރިޓީސްތަކުގެ ޝަރުތުތަކުގެ ތެރެއިން މައިނޯރިޓީ ޝެއަރހޯލްޑަރާމެދު ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ކޯޓުން ވަނީ އެ ޝަރުތުތަކަށް ބަދަލުގެނެސް، ހިއްސާ ވިއްކާލުމުގެ މަރުހަލާ ފެށުމަށް ސްޓީލް އަށް އަންގާފައެވެ. ނަމަވެސް، ނޮވެމްބަރު މަހުގެ ނިޔަލަށް ހިއްސާ ވިއްކައި ނިންމުމަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.

ސްޓީލް އަކީ ކޭއެސްއެލް ކެޕިޓަލް ޕާޓްނަރސް އަދި ސިންގަޕޫރުގެ ޖީއައިސީ ގުޅިގެން އުފައްދާފައިވާ އިންވެސްޓްމަންޓް ވެހިކަލްއެކެވެ. ސޮނޭވާ ހޯލްޑިންގްސްގެ 74.9އިންސައްތަ ހިއްސާ އޮންނަނީ ސްޓީލްގެ އަތުގައެވެ. ސޯނޫ ޝިވްދަސާނީގެ އެސްއެޗް (ބީވީއައި)ލިމިޓެޑް މެދުވެރިކޮށް އޭނާގެ އަތުގައި އޮންނަނީ 24.8އިންސައްތަ ހިއްސާއެވެ. ސޮނޭވާ ގްރޫޕުން ރާއްޖޭގައި ހިންގަނީ ސޮނޭވާ ފުށި، ސޮނޭވާ ޖާނީ އަދި ސޮނޭވާ ސީކްރެޓްއެވެ.

Leave a Reply