އަމިއްލަ ބޭންކު އެކައުންޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާނަމަ މަަނީ ލޯންޑަރިންގެ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ޓެލެގްރާމާއި ޓިކްޓޮކް ފަދަ ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން އާމްދަނީއެއް ހޯދައިދޭނެކަމަށް ބުނެ އެކައުންޓުތައް ކުއްޔަށް ހޯދުމަށް  އިޝްތިހާރު ކުރަމުގެ މައްސަލަ މިހާރު ވަނީ ބޮޑުވެފައެވެ. ނަމަވެސް  އެކައުންޓުގެ މައުލޫމާތާއި، އޯޓީޕީގެ އިތުރުން ޕިން ކޯޑު ހިއްސާކުރުމަކީ ކުށްވެރިންނަށް މަކަރާއި ހީލަތުން ފައިސާ ފޭރުމަށް ހުޅުވާލެވޭ ދޮރަކަށްވާތީ އެކަން ނުކުރަން މިދިޔަ މޭ މަހު ފުލުހުންވެސް އޮތީ އިލްތިމާސްކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފްވެސް މިއަދު ވިދާޅުވީ އެކައުންޓްތައް ކުއްޔަށް ދޫކުރުމުގެ މައްސަލަ އާންމުވަމުންދާ ކަމަށާއި އެހެންވެ އެކަން ހުއްޓުވަން މަނީ ލޯންޑަރިންގެ ދައުވާކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޭމްގެ ކަންކަން ވެސް ކުރިއަށް ގެންދަން އެކައުންޓްތައް ކުއްޔަށް ހިފައިގެން ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

ފުލުހުންވެސް ކުރިން ބުނެފައިވާ ގޮތުން އެއްވެސް ފަރުދެއްގެ އެކައުންޓެއް ބޭނުންކޮށްގެން ހިންގާ ހުރިހާ މާލީ މުއާމަލާތްތަކެއްގެ ފުރިހަމަ ގާނޫނީ ޒިންމާ އުފުލަންޖެހޭނީ ސީދާ އެ އެކައުންޓެއްގެ ވެރިފަރާތުންނެވެ.