
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހުތަކާ ގުޅިގެން، ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ބޭރު ފައިސާގެ މުޢާމަލާތްތަކާ ގުޅޭ ދެ ގަވާއިދެއް އިސްލާހުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ދިވެހިރާއްޖޭގެ ބޭންކަކުން މާރުކުރަން މަޖުބޫރުކޮށްފައިވާ އުސޫލެވެ. އެހެންނަމަވެސް، އެފަރާތްތަކުން އަދާކުރަންޖެހޭ ބޭރު ފައިސާގެ ބޮޑެތި އިލްތިޒާމުތައް ހުރިނަމަ، މީރާގެ ޓެކްސް ކްލިއަރެންސް ރިޕޯޓާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުން މަރުކަޒީ ބޭންކުން އެކަމަށް ހާއްސަ ލުއިތަކެއް ދޭނެކަން ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާ އެކު، ފަތުރުވެރިކަން ފިޔަވައި އެހެނިހެން ވިޔަފާރިތަކުން ފައިސާ މާރުކުރުން ލާޒިމުވާ އާމްދަނީގެ މިންވަރު ވަނީ 25 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. ކުރިން މި އަދަދު އޮތީ 15 މިލިއަން ޑޮލަރުގައެވެ. އަދި މިފަދަ ފަރާތްތަކުން ރަޖިސްޓަރީވާއިރު، ފައިސާ މާރުކުރުމަށް ހާއްސަކުރެވިފައިވާ ބޭންކް އެކައުންޓެއް ހިމެނުމަށް ވެސް މިހާރު ވަނީ ޝަރުތުކޮށްފައެވެ.
އާންމު ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން ކުރަން ރާވާފައިވާ ހަރަދުތަކުގެ ބަޖެޓެއް އެމްއެމްއޭއަށް ހުށަހަޅަން ޖެހެއެވެ. އިންޝުއަރެންސްގެ ފައިސާ ދެއްކުމާއި، ހިއްސާދާރުންގެ މުއާމަލާތްތަކާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން މަތީ ތައުލީމާ ގުޅޭ ހަރަދުތަކަށް ވެސް ހާއްސަ ހާލަތްތަކުގެ ދަށުން ލުއި ލިބިގެންދާނެ ކަމަށް އާ އުސޫލުގައި ކަނޑައަޅާފައިވެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހަށް އަމަލުކުރަން ފަށާފައިވާއިރު، އެމްއެމްއޭއިން ވަނީ މި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކޮށް، ވިޔަފާރިތަކަށް ދޭންޖެހޭ ލުއިތައް ދިނުމުގެ މަރުހަލާތައް ވީހާ ވެސް އަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































