އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން އއ. ތޮއްޑޫގައި ހޮނިހިރު ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް އެ ރަށުގައި އުޅެމުންދިޔަ 107 ބިދޭސީއަކު އަތުލައިގަނެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ އެ ރަށުގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ އިންތިހާއަށް އިތުރުވެ، އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ގުޅައި ހިއްސާކުރުމާ ގުޅިގެން އިމިގްރޭޝަންގެ ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 6:00އިން ފެށިގެން ހަވީރު 4:00އަށް ކުރިއަށްގެންދިޔަ މި ފުޅާ އިންސްޕެކްޝަންގައި ޖުމްލަ 507 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވެއެވެ. އޭގެ ތެރެއިން ޤާނޫނާ ޚިލާފަށް އުޅޭކަން ސާބިތުވި 107 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަތޮޅުތެރޭގެ އިތުރުން މާލެ ސަރަހައްދުގައި ވެސް ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް އިމިގްރޭޝަނުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން “މައިގްރޭޝަން މޮނީޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް”ގެ ތެރެއިން ހުޅުމާލޭގައި މީހުން ގިނައިން އެއްވެއުޅޭ ސަރަޙައްދުތަކުގައި ވެސް ހޮނިހިރު ދުވަހު ވަނީ ފާސްކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި 55 ބިދޭސީއަކު ބަލައިފާސްކޮށް، ލިޔެކިޔުން ފުރިހަމަނޫން އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ފުރަތަމަ ފިޔަވަހީގައި ބިދޭސީންގެ މައުލޫމާތު އެއްކޮށް ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ އަމަލީ ގޮތުން މޮނީޓަރކޮށް ފިޔަވަޅު އެޅުމުގެ މަރުހަލާއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މީގެފަހުން އަތުލައިގަނެވޭ ގަވާއިދާ ޚިލާފު ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ރާއްޖެއިން ފޮނުވާލެވޭނެއެވެ. މި ހަރުދަނާ ފިޔަވަޅުތަކާ އެކު، ދިވެހިރާއްޖެއަކީ ބިދޭސީންގެ ޑޭޓާ އެންމެ ފުރިހަމައަށް ބަލަހައްޓައި، ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި މިހާރު ވަނީ ގުނާލެވެން ފަށާފައެވެ.

Leave a Reply