
“ބޮޑު ބަދަލު”ގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ އާމްދަނީ ދެގުނައަށް އިތުރުކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.
ހއ. ހޯރަފުށީގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ ޕެންޝަނާއި، ޔަތީމުންނާއި އެކަނިވެރި މައިންނަށްދޭ އެހީގެ އިތުރުން، ދަރިވަރުންނަށް ބޭނުންވާ ފޮތްބައި ހިލޭ ފޯރުކޮށްދިނުން ފަދަ މުހިންމު ސިޔާސަތުތައް ތަޢާރަފް ކުރެއްވީ އެ މަނިކުފާނުގެ ސިޔާސަތުގައި ކަމަށެވެ. އަދި ބޮޑު ބަދަލުގެ ސިޔާސަތުގެ ދަށުން އިތުރުކަން ކަން ތަންފީޒުކުރެވި އުންމީދީ އިޞްލާޙުތަކެއް ރައްޔިތުންނަށް ގެނެސްދޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ މީހަރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ސަރުކާރުގައި އެއްވެސް މާނައެއް ހުރި ބަދަލެއް ނެތްކަމަށާއި އެ ބަދަލު ގެނެވޭނީ އެމްޑީޕީގެ ވެރިކަމެއް އަނެއްކާ ވެސް ނެގެވިގެން ކަމަށެވެ.
ވާހަކަކޮޅު ނިންމާލައްވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ އެންމެހައި މެންބަރުން، އެ މަނިކުފާނަށް ވޯޓު ދިނުމަށް ހޯރަފުށީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































