
ޔަމަންގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ސައުދީއިން ޔަމަނަށް ހަމަލާތައް އަލުން ދޭން ފެށިތާ ދުވަސްތަކެއް ވެފައިވާ އިރު ހޫތީން މިހާރު ވަނީ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.
އެގޮތުން މިހާރު ފުލުފުލުގައި ހޫތީން ދަނީ ސައުދީގެ ތެލުގެ ސިނާއަތުގެ ތަންތަނަށާއި އިގުތިސާދީ މުހިންމު އެހެނިހެން ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ނެވެ. އަދި މިއަދު ދިން ހަމަލާތަކުގައި ވަނީ 73މީހަކު ޒަހަމްވެސް ވެފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ހޫތީންގެ ހަމަލާތަކުގައި އާންމުންގެ މީހުން މަރުވެފައިވާތީ އެ ހަމަލާތައް ކުށްވެރިކޮށްފައެވެ.
ހޫތީން ހަމަލާތައް ދިން ތަންތަނުގެ ތެރޭގައި ސައުދީގެ އަބްހާ، ކާމިސް، މުޝައިތު، ޖަޒާްން އަދި ނަރުޖަން ހިމެނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހޫތީންގެ ހަމަލާތަކަކީ ސައުދީގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި އަދި އެއާއެކު މުޅި ސަރަހައްދު ނުރަައްކަލަށް ވައްޓާލައިފައިވާ ކަމަށެވެ.
އަދި ސައުދީން އެ ގައުމުގެ އިސްތިގުލާލު ރައްކާތެރިކޮށް ދިފާއީ ގޮތުން އަޅާ ފިޔަވަޅުތަކަށް ރާއްޖެއިން ތާއިދުކުރާނެ ކަމަށާއި ރާއްޖެއިން އޮތީ ސައުދީ އަރަބިއްޔާއާއެކު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































