
ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު 95.4ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ “ގަވަރްމަންޓް ސެކިއުރިޓީޒް އައުޓްސްޓޭންޑިން”ރިޕޯޓުގައިވާ ގޮތުން، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގެ ބާޒާރަށް ދޫކޮށްފައިވާ އިކުއިޕްމަންޓްތަކެވެ. އެއީ ޖުމްލަ 93.8ބިލިއަން ރުފިޔާއެވެ. ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ބޮންޑުގެ އަދަދަކީ 1.5ބިލިއަން ރުފިޔާއެވެ.
މިހާތަނަށް ބަޖެޓަށް ފައިސާ ހޯދަން ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ޓީ-ބިލްތަކުގެ އަދަދު 41.8ބިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން އެންމެ ގިނަ ފައިސާ ހުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ ބިލްތަކުގައެވެ. އަދި ރުފިޔާ ބޮންޑުގެ ގޮތުގައި 29.2ބިލިއަން ރުފިޔާ އަދި ޑޮލަރު ބޮންޑުގެ ގޮތުގައި 13.2ބިލިއަން ރުފިޔާ (މިއީ ރުފިޔާއަށް ބަދަލުކުރުމުން)އައުޓްސްޓޭންޑިންގްގައި އެބަހުއްޓެވެ. އަދި އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ އަދަދު ހުރީ 5.6ބިލިއަން ރުފިޔާގައެވެ.
މި ރިޕޯޓް ދައްކާ ގޮތުން ދައުލަތުގެ ސެކިއުރިޓީޒްގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއި، ޕެންޝަން ފަންޑު ފަދަ މާލީ އިދާރާތަކުންނެވެ. މީގެ އިތުރުން މަރުކަޒީ ބޭންކު (އެމްއެމްއޭ)އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ބޮންޑާއި ޓީ-ބިލްތަކުގައި އިންވެސްޓްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































