ކުދި ޖަޒީރާ ގައުމުތަކަކީ ވެސް އީދާޖާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް އެފަދައިން ގޮވާލެއްވީ މިއަދު ފެށި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވެށީގެ ނާޒުކު ކަމަކީ، ކުދި ޖަޒީރާ ގައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ގައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައް ކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކަކީ އެ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ހިޔާލުތަކަށް ބަދަލުކުރާ، އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ގައުމުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން (އެމްއެސްއެމްއީ)ތައް ވެފައި ވަނީ، ސަރުކާރުތަކުން ޙައްލު ހޯދަން އުނދަގޫވާ މައްސަލަތަކަށް އަމަލީ ހައްލު ހޯދައިގެން، ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދުތަކަށް ބާރުދޭ އިންޖީނުތަކަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ކުޑަކަމަކީ ވެސް، އެއިން ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ގައުމުތައް، ފަންނިއްޔާތާއި، ހައްލުތަކާއި، ހިޔާލުތަކާއި، އީޖާދުތައް ތަހުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.