ފިހާރައެއްގެ ގުދަނަކުން 30،000 ރުފިޔާގެ މުދާ މުދާ ވަގަށް ނެގި މައްސަލައިގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ނުރް ނައީމް(23އ.) އާއި ދަންނު ކުމާރު(24އ.) އަދި މަޒަރުލް އިސްލާމް ބައްޕީ(27އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި އެ ތިން މީހުން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އޭނާއާއި އިތުރު ބަޔަކު ވެގެން ފިހާރައިގެ ސްޓްރޫމްގެ މުދާ ވަގަށް ގެންގޮސްފައިވާކަން ފުޓޭޖުތަކުން ފެންނަކަމަށާއ،ި އެ ބިދޭސީން ތިބޭ ބެރެކްސްއިން
ތިރީސް ހާސް ރުފިޔާގެ މުދާ ފެނިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.

އެ މައްސަލައިގައި އެމްޑީ ނުރް ބުނީ އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށާއި އެކަމުގައި އޭނާ ބައިވެރިނުވާ ކަމަށާއި އަދި އޭނާ ނެގި ކަމަށް ބުނާ އެއްޗިއްސަށް ފައިސާ ދަައްކަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

އެ މައްސަލައިގައި ދަންނު ބުނީ އޭނާ އިންޑިއާއިން އައިރު ވެސް މުދާ ގެނެސްފައި ހުންނާނެ ކަމަށާއ،ި ތިރީސް ހާސް ރުފިޔާގެ މުދާ ނުނަގާ ކަމަށާއި ނަމަވެސް ބައެއް ތަކެތި ފިހާރައިން ނަގާފައިވާނެ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މަޒަރުލްގެ މައްޗަށް ކުރަނީ ވައްކަންކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުމުގެ ކުށެވެ. އެގޮތުން ފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް އޭނާ ގެންގުޅޭ ފޮށިން ފެނިފައިވާކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

Leave a Reply