މާލޭގެ ސަލްޓަން ޕާކުގައި ޒަމާނީ އީ-ސްޕޯޓްސް މަރުކަޒެއް ޤާއިމުކޮށްދޭނެ ކޮންޓްރެކްޓަރަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން ބަޔާންކޮށްފައިވާ ގޮތުން މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ބީލަންތައް ކެނޑުން ތާވަލުކުރެވިފައި ވަނީ އޭގެ އަނެއް ދުވަސްކަމަށްވާ އަންނަ މަހުގެ 16ވަނަ ދުވަހަށެވެ. މިކަމަށް ކުރިމަތިލުމަށްޓަކައި 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ކަނޑައެޅިފައިވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 36,500 ރުފިޔާ ބަހައްޓަން ލާޒިމުކުރެއެވެ. މި ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން ކުރިއަށްގެންދާ މި ޓެންޑަރަކީ، ޢިމާރާތްކުރުމުގެ ދާއިރާގެ ގަވާއިދުތަކާއި، ނޭޝަނަލް ޓެންޑަރިންގ އުސޫލުތަކުގެ އިތުރުން ބިދޭސީ އިންވެސްޓްމަންޓް ޕޮލިސީއާ ފުރިހަމައަށް އެއްގޮތްވާގޮތުގެ މަތިން ހަވާލުކުރެވޭނެ މަސައްކަތެކެވެ.

މާލޭގައި ދިރިއުޅޭ ޢާއިލާތަކާއި ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސަލްޓަން ޕާކު ވީރާނާވަމުން ދިޔުމާ ގުޅިގެން، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެތަން މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައެވެ. އެގޮތުން ވިއު ސްޓްރަކްޗަރ އާއި ޓްރީހައުސްގެ އިތުރުން ކުޅޭ ސަރަޙައްދުތަކާއި ހިނގާ މަގުތައް ފަދަ ތަންތަން ވަނީ އާބާތުރަފިލުވައި، ޢީދަށް ހުޅުވާލާފައެވެ. އީ-ސްޕޯޓްސް އޭރިއާއަކީ މި މަރާމާތުގެ މަޝްރޫޢުގެ ތެރެއިން އިތުރަށް ފުރިހަމަކުރަން ނިންމާފައިވާ މުހިންމު އެއް ބަޔެކެވެ.

Leave a Reply