ޖަލު ހުކުމް ތަންފީޒުކުރަމުންދާ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަހުމަދު ގޭބަންދުގައި ހުންނަވާތާ ފަސް މަސް ވެއްޖެއެވެ.

ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަަވެސް މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ފަސް މަހަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު “ދެން” އަށް ވިދާޅުވީ ސައީދު ގޭބަންދުގައި ހުންނެވީ ސިއްހީ ސަބަބުތަކާއި ގުޅިގެން ކަމަށާއި ނަމަވެސް ސައީދުގެ ބަލި ހާލަތުގެ ތަފްސީލެއް ވިދާޅެއް ނުވެއެވެ.

ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކުރީ 2018ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ނިންމާފައި ނުވަނީސް، އެ މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލަ ސައީދުގެ މައްޗަށް ސާބިތުވުމުންނެވެ.

Leave a Reply