އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 6ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްގީގެ މަޝްރޫއުތައް މިހާރު ކުރިއަށްދާކަމަށާ، އޭގެ ތެރެއިން ބައެއް މަޝްރޫއުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، އަންނަ އަހަރުވެސް މަޝްރޫއުތައް ނިމިގެންދާނެ ކަމަށެވެ.

އަދި އަންނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫއުގެ މަސައްކަތްތައް ނިންމާ، އަންނަ އަހަރުގެ މެދަކާ ހިސާބުގައި އެ އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އޭގެ އިތުރުންވެސް ކައުންސިލް އިދާރާތަކުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2އަހަރެއްހާ ދުވަހުގެ ތެރޭގައި، 100ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ގަބޫލުފުޅުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.