އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް، އެ މީހަކު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ނަމަ، ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތުގެ މައިގަނޑު ބޭނުމަކީ، ރަށުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ވޯޓުލުމުގެ ހައްގު ފަސޭހަކަމާ އެކު އަދާކުރުމުގެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން، އޮންލައިންކޮށް ފަސޭހައިން ފޯމު ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަކުރުމަށް ކޮމިޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އަންނަ ޖޫން މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 18ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ނުވަތަ ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، ރީ-ރަޖިސްޓްރޭޝަން ޕޯޓަލް https://form.elections.gov.mv/ ނުވަތަ މައި ޕޯޓަލް https://my.elections.gov.mv/ މެދުވެރިކޮށް އޮންލައިން ކޮށެވެ.

Leave a Reply