ފޭކް ސްލިޕްތަކާއި ސްކޭމްތަކަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވަން ފުލުހުން އައްޑޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި މައުލޫމާތު ދީފައިވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ވިޔަފާރިވެރިންނަށެވެ.

އެ ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ފިހާރަތަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ކުށްތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައެވެ. އެގޮތުން، ވިޔަފާރިކުރުމަށްފަހު ފައިސާދެއްކި ކަމަށްބުނެ ސައްހަނޫން ސުލިޕް ފޮނުވާ މީހުންގެ ކިބައިން ރައްކާތެރިވެ އެފަދަ މީހުންނާ މެދު އިތުރަށް ސަމާލުވެ އެފަދަ ސުލިޕް ދެނެގަންނާނެގޮތުގެ މައުލޫމާތު ވެސް ހިއްސާކުރި އިރު ވައްކަމުގެ މައްސަލަތަކުން ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަން ވެސް ފުލުހުން ވަނީ ކިޔައިދީފައެވެ.

ފުލުހުން ވަނީ ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން ލިބިގެންދާނެ ފައިދާތައް ކިޔައިދީ ސީސީޓީވީ ކެމެރާ ނެތް ފިހާރަތަކުގައި ކެމެރާ ހަރުކުރުމަށް އިރުޝާދުދިނެވެ.

އޭގެ އިތުރުން ގަން ޕޮލިހުގެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް، ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ހިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.

Leave a Reply