މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިވެހި ދައުލަތުގެ ދަރަނި އަދާކުރުމަށް 16.9 ބިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއް ކުއާޓަރެއްގެ ތެރޭގައި ދަރަނި އަދާކުރުމަށް މިހާ ބޮޑު ހޭދައެއް ކުރި ފުރަތަމަ ފަހަރެވެ. މިއާ އެކު ދައުލަތުގެ ބޭރުގެ ދަރަނި ވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ދަރަނި އަދާކުރުމަށް ހޭދަކުރި ޖުމްލަ 16,949.6 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ދަރަނީގެ އަސްލު ނުވަތަ ޕްރިންސިޕަލް ދެއްކުމަށެވެ. އެގޮތުން ޕްރިންސިޕަލް ރީޕޭމަންޓްގެ ގޮތުގައި 14,897.8 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، އިންޓްރެސްޓާއި އެހެނިހެން ފީތަކަށް 2,051.8 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

ބޭރުގެ ދަރަނި ދަށްވެ، އެތެރޭގެ ދަރަނި މައްޗަށް

ދަރަނި އަދާކުރުމަށް ކުރި ބޮޑު ހޭދައާ އެކު ދައުލަތުގެ ބޭރުގެ ދަރަނި ވަނީ 55,424.5 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ ދަރަނި ހުރި 62,742.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7,318 ބިލިއަން ރުފިޔާގެ ބޮޑު ދަށްވުމެކެވެ.

ނަމަވެސް، ބޭރުގެ ދަރަނި ދަށްވި ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ އިތުރުވެފައެވެ. ފުރަތަމަ ކުއާޓަރުގައި އެތެރޭގެ ދަރަނި 92,274.0 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދެވަނަ ކުއާޓަރު ނިމުނުއިރު އެ އަދަދު ވަނީ 97,353.3 ބިލިއަން ރުފިޔާއަށް (5 ބިލިއަން ރުފިޔާއިން) އިތުރުވެފައެވެ.

ޖުމްލަ ދަރަނި ހުރި ހިސާބު

ބޭރުގެ ދަރަންޏަށް އައި ބޮޑު ބަދަލާ އެކު، ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ 152,777.8 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓަރުގައި ޖުމްލަ ދަރަނި ހުރީ 155,016.5 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މުޅި ޖުމްލަ ދަރަނި ވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ. މިހާރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) ބަލާނަމަ 122.7% ގައެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ހުރި 124.5% އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.

Leave a Reply