
ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މެރިކަލްޗަރ މަޝްރޫޢުގެ ދަށުން، މޫދުވިނަ ހެއްދުމުގެ ވިޔަފާރީގެ ތެރެއަށް ދިވެހި ދެވަނަ ކުންފުންޏަކުން އިންވެސްޓުކޮށް އެ މަސައްކަތް ފަށައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އަލަށް މި ދާއިރާއަށް ވަދެފައިވަނީ “އެސްޓީއެމް” ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ދަނީ ގއ. ކޮނޑޭގެ އިތުރުން އެ އަތޮޅު ކޮލަމާފުށީގައި މޫދުވިނަ އިންދުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. މި ފަރާތުން މި މަސައްކަތް ފަށާފައި ވަނީ، މިދިޔަ އަހަރު ބ. ފެހެންދޫގައި “ފްލޯޓިންގ އޭކަރސް” ކުންފުނިން ފެށި މޫދުވިނަ ހެއްދުމުގެ މަޝްރޫޢު ކާމިޔާބުވެ، އެ ކުންފުނީގެ ފުރަތަމަ ޝިޕްމަންޓް މިއަހަރު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމާ ގުޅިގެން ލިބުނު ހިތްވަރުގެ މައްޗަށް ބިނާކޮށެވެ.
މެރިކަލްޗަރގެ ދާއިރާއިން އާންމުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، މާލީ މަންފާ ހޯދައިދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ އެހީތެރިކަން ވެސް ސަރުކާރުން އަންނަނީ ހޯދަމުންނެވެ. މިގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާގެ ފަންނީ އެހީތެރިކަމާ އެކު މޫދުވިނަ ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރުމުގެ އައު މަޝްރޫޢަކަށް މިހާރު ވަނީ ރުހުން ލިބިފައެވެ. މީގެ އިތުރުން ވެސް، ކަނޑުގެ މުއްސަނދިކަމުން އިތުރު ނަފާ ހޯދުމަށް ޖަޕާނު ސަރުކާރާ އެކު ޚާއްޞަ ޕްރޮޖެކްޓެއް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ވެސް ކަމާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.
ރާއްޖޭގައި ޚާއްޞަ ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ފުޅާކުރުމަށްޓަކައި ދައުލަތުން ވަނީ މައިގަނޑު ފަސް ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑުތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅާއި، ތ. އަތޮޅުގެ އިތުރުން މަނިޔަފުއްޓާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެކެވެ. މި ސަރަޙައްދުތަކުގައި ވިޔަފާރި އުޞޫލުން މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން “މެރިކަލްޗަރ ސްކީމް” ގެ ނަމުގައި ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެއް ތަޢާރަފުކޮށްފައެވެ.
މި ސްކީމްގެ ދަށުން މޫދުކޮށި ގަތުމަށް ފައިސާގެ އެހީތެރިކަން ލިބިގެންދާނެތީ، މިއީ މި ވިޔަފާރިއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި މިހާރު ވެސް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































