
މާލޭގެ މާފަންނުގައި ހުންނަ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި ރޯވެފައިވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައި ކަމަށާއި އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާރު އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ ސަބަބެއް އަދި ސާފެއްނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ބިދޭސީން އުޅޭ ތަނެއްގައެވެ.
މި ހާދިސާގެ އިތުރުން މިއަދު ގ. މިތުރު ގޭގައި ގޮދަޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 8:45 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































