
2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބުކުރުމަށް، ނިމިދިޔަ ކައުންސިލް އިންތިހާބުން އިންތިހާބުވި އެމްޑީޕީ ކައުންސިލްތަކުން ވެފައިވާ ވައުދުތައް ފުއްދައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ގދ. ގައްދޫއަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ޗެއާޕާސަން ކަމުގައި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ކައުންސިލްތަކުގެ ވައުދުތައް ފުއްދުމަށް ޓަކައި، ޕްރޮޖެކްޓް ޑިޕާމެންޓެއް އުފައްދައިގެން އެ ކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީން ވެސް މި ވަގުތު އިސްކަމެއް ދޭން ޖެހޭނެ ކަމަކީ، އެމްޑީޕީގެ ކައުންސިލްތަކަކީ ކާމިޔާބު ކައުންސިލްތަކަކަށް ހެދުމެވެ.
“އަޅުގަނޑުމެންގެ މިސްރާބު މި ހުރީ 2028އާ ދިމާއަށް. 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި އަޅުގަނޑުމެން އަދިވެސް ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި. ވަކިން ހާއްސަކޮށް އެމްޑީޕީގެ ކައުންސިލްތަކުން އެ ކައުންސިލެއްގެ ރަށު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން،” ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުހައްމަދު މުއިއްޒުގެ ޕީއެންސީން ތަކުރާރުކޮށް އިންތިހާބުތަކުން ބަލިވި ނަމަވެސް އެމްޑީޕީން މި ކަންކަމަށް އަހަމިއްޔަތު ބަހައްޓައިގެން ނޫނީ ރިޔާސީ އިންތިހާބު ހޯދުމަށް އުނދަގޫވާނެ ކުރީގެ ރައީސް ނަޝާދު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެމްޑީޕީގެ ކިބައިން އުންމީދެއް ހޯދަން ޖެހޭ ކަމަށާއި އެ ކަން ކުރެވެން އަންނަނީ އެމްޑީޕީގެ ކައުންސިލްތަކުން ނަތީޖާ ނެރެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް މެޖޯރިޓީ އެމްޑީޕީން ހޯދިއެވެ. ހާއްސަކޮށް ސިޓީތަކުގައެވެ. ރާއްޖޭގެ ފަސް ސިޓީގެ ފުރިހަމަ އަގުލަބިއްޔަތު އާއި މޭޔަރު ކަން ކާމިޔާބުކުރީ އެމްޑީޕީންނެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































