
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ދިން ހަމަލާއާ ގުޅުގެން މީހަކު ހައްޔަރުކޮށްފިއެވެ.
އާޒިމްއަށް ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިންނެވެ. އެގޮތުން ހެންވޭރު ސަހަރާ ކައިރިން ޒުވާނަކު ކުއްލިއަކަށް އާޒިމްގެ މޭމަތީ ޖަހައި ކޮށްޕާލައިފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ގ. އީރީ، އަބްދުﷲ މުއާޒް(35އ.)އެވެ.
ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މުއާޒް 15 ދުވަަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން މުއާޒްއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ސްނެޕްޝޮޓާއި އަދި އިންޓެލިޖެންސް ރިޕޯޓް ހުށަހަޅައިފައެވެ.
އާޒިމްއަށް ހަމަލާ ދިނީ ސަރުކާރުން ރާވައިގެން ކަމަށް އެއްބަޔަކު ތުހުމަތުކުރި ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހަމަލާ ކުށްވެރިކުރައްވައިފައެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































