މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި 6މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ 6މީހުން ހައްޔަރުކުރަނީ، ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަަށް ފަހުގައެވެ.

އެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 30އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23އަހަރުގެ ދިވެހި ފިރިހެނަކާއި 21އަހަރުގެ ދިވެހި ފިރިހެނަކާއި 34އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 32އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4މީހަކު 15ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބާކީ ތިބި 2މީހުން ކޯޓުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply