މިފްކޯއަށް މަސްގަތުމަށް މިހާރު ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ނުދޭކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޠާސަތަކީ މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހެދުން ކަމަށެވެ. އެގޮތުގެ މަތީން މިފްކޯއަށް މަސްވެރިންގެ އަތުން މަސްގަތުމަށް މިހާރު ފައިސާ ނުދޭ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު މިއަދު ދަންނަވަން ކެރޭ، އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސް ގަންނާކަށް އެންމެ ރުފިޔާއެއް ވެސް ނުދެން. މިއީ ސިޔާސަތުތަކަށް ގެނެވުނު ބަދަލެއް،” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުގައި ސިޔާސީ ބޭނުމަށްޓަކައި މަހުގެ އަގު ބޮޑުކޮށް، ކިލޯއަކަށް 13 ރުފިޔާގެ ސަބްސިޑީއެއް ދޭންޖެހޭ ގޮތަށް އޮތުމުން ދައުލަތުން ބިލިއަނުން ހަރަދުކުރަން ޖެހުނު ކަމަށެވެ. އަދި އެ ފައިސާ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށާއި ފެކްޓްރީތައް އެޅުމަށް ބޭނުންކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސް ބޭރުކުރާ މިންވަރު ތިންގުނަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، މަސްވެރިކަމުގެ ހެޔޮ މާހައުލެއް ގާއިމުކޮށްދީފައިވާ ކަމަށެވެ. މި ސިޔާސަތުގެ ސަބަބުން މަހަށް ލިބޭ އަގު އިތުރުވެ، މަސްވެރިންގެ ޖީބުތަކަށް ލިބޭ އާމްދަނީ ތަނަވަސްވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

Leave a Reply