
8،000 އެއްހާ މީހުން ވަޒީފާ އަދާކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން، ހަތަރު މަހުގެ މުސާރަ އެއްފަހަރާ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ހުރިހާ ގޮފިތަކަކަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ކުންފުނީގެ އިންސާނީ ވަސީލަތްތަކާ ބެހޭ ޑިޕާޓްމަންޓަށް އެކަން އަންގަން ޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި ވަޒީފާ ދޫކޮށްލަން އެދޭ މުވައްޒަފުންނަށް ބަދަލެއްގެ ގޮތުން ހަތަރު މަސްދުވަހުގެ އުޖޫރަ ދިނުމަށް ކުންފުނިން ވަނީ ނިންމާފައެވެ. މިއީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުންފުނިން ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ސިޔާސަތެކެވެ.
ދައުލަތުގެ ޚަރަދުބަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގާފައެވެ. އެއާ އެކު، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން މިހާރު އަންނަނީ މުވައްޒަފުންގެ އަދަދު މަދުކޮށް ކުންފުނިތަކުގެ އޮނިގަނޑުތައް އަލުން އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިވިލް ސަރވިސްއާއި ސަރުކާރު ކުންފުނިތައް ހިމެނޭހެން ދައުލަތުގެ އެކި ވަޒީފާތަކުގައި 72،000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ. އާބާދީގެ ނިސްބަތާ އަޅާބަލާއިރު މިއީ ނުހަނު ބޮޑު އަދަދަކަށްވާއިރު، މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން މުސާރަ ދިނުމަށް އިންތިހާއަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. މިއީ އިގުތިސާދީ ގޮތުން ގައުމަށް އޮތް ބޮޑު ނުރައްކަލެއްކަމަށާއި، މި ޚަރަދުތައް ކުޑަނުކޮށްފިނަމަ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިދާނެކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި އިގުތިސާދީ މާހިރުން ގެންދަވަނީ ކެނޑިނޭޅި އިންޒާރު ދެއްވަމުންނެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































