
މާލޭގައި ހިންގާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ، ކ. މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙުގެ މައްޗަށް، ކުޑަކުއްޖަކު ގްރޫމްކޮށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ހަ ދަޢުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ:
- ޖިންސީ ކުށުގެ ޤާނޫނުގެ 21ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ.
- ކުޑަކުންދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123ވަނަ މާއްދާއާ ޙަވާލާދީ، އެ މާއްދާގެ (ޅ)ގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 9ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ.
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.
ފުލުހުންގެ ތަޙުޤީޤަށް ހޯދިފައިވާ ގޮތުގައި، އިތުބާރުކުރެވޭ މަޤާމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަފްލަޙު ވަނީ އަނިޔާ ލިބުނު ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ޢަމަލުތައް ހިންގާފައެވެ. މި މައްސަލައިގެ ތުހުމަތުގައި ފެބްރުއަރީ މަހުގެ 11ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ފުލުހުން ވަނީ ތަޙުޤީޤު ފުރިހަމަކުރުމަށްފަހު ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި އޭނާގެ މައްޗަށް ދަޢުވާތައް އުފުލައި ޝަރީޢަތަށް ފޮނުވިކަން ޕީޖީ އޮފީހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































