38ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަންތައް ނިންމާލުމަށް ފަހު، ސެމީ ފައިނަލްގައި ވާދަކުރާނެ 379 ބައިވެރިންގެ ނަންތައް އިޢުލާނުކޮށްފިއެވެ.

މި އަހަރުގެ ޖޫން މަހުގެ 4ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 22 ސަރަޙައްދަކާއި މާލެ ސިޓީގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުގައި ގިނަ އަދަދެއްގެ ބައިވެރިން ވަނީ ވާދަކޮށްފައެވެ. އެގޮތުން، މި މުބާރާތުގައި ބައިވެރިވުމަށް 3050 ފަރާތަކުން ނަންނޯޓުކުރި ނަމަވެސް، އޮޑިޝަންގައި ޢަމަލީގޮތުން ބައިވެރިވެފައި ވަނީ 2742 ފަރާތަކުންނެވެ. މީގެ ތެރެއިން އެންމެ މަތީ މާކްސް ހޯދައިގެން ސެމީ ފައިނަލްގެ ފުރުޞަތު މިވަނީ 379 ބައިވެރިއަކަށް ލިބިފައެވެ.

އޮޑިޝަންގެ ނަތީޖާއާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ޤުރްއާނާ ބެހޭ މަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެ އިދާރާގެ ޚާއްޞަ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިންނަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ތާރީޚީ ގޮތުން ވެސް ފާހަގަކޮށްލެވޭ މުބާރާތެކެވެ. ސަބަބަކީ މީގެ ކުރިން ހަމައެކަނި މުއައްސަސާތައް ތަމްސީލުކުރާ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، މިއީ އަމިއްލަ ހައިސިއްޔަތުން ފަރުދީގޮތުން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވުމެވެ. މުޅިން އާ ފޯމެޓަކަށް ފަރުމާކޮށްފައިވާ މި މުބާރާތުގެ ސެމީ ފައިނަލް އަދި ފައިނަލް ބުރުގެ ކިޔެވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ.

Leave a Reply