
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން، އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް ޚާއްޞަ ޑޮކްޓަރުންގެ ފަރުވާ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިއަދު އެ ޖަލުގައި ޚާއްޞަ މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.
މި ކޭމްޕުގައި އެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެދިފައިވާ ސާޅީހަށްވުރެ ގިނަ މީހުންނަށް ވަނީ ޚިދުމަތް ދީފައެވެ. އެގޮތުން، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރަކާއި، ކަށީގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއްގެ އިތުރުން އާންމު އޮޕަރޭޝަންތަކާބެހޭ ޑޮކްޓަރެއް (ސަރޖަންއެއް) ވަނީ ޖުމްލަ 41މީހަކު ބަލައި، ބޭނުންވާ ލަފަޔާއި ފަރުވާ ދެއްވާފައެވެ.
ކަރެކްޝަންސްއިން ހާމަކުރި ގޮތުގައި، މި ޙަރަކާތަކީ ޖަލުގެ ޞިއްޙީ ނިޒާމުގެ ތެރެއިން ލިބެން ނެތް ފަރުވާތައް، ބޭރުގެ ޞިއްޙީ މަރުކަޒުތަކާ ގުޅިގެން ފަސޭހަކަމާ އެކު ހަމަޖައްސައިދިނުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ޚާއްޞަ ޑޮކްޓަރުންނަށް ދައްކަންޖެހި، އެކަން ނުކުރެވި ތިބި ފަރާތްތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަކީ ވެސް މީގެ މުހިންމު ބޭނުމެކެވެ.
މީގެ އިތުރުން، މި ފަދަ ޞިއްޙީ ކޭމްޕުތައް ކުރިއަށް އޮތް ތަނުގައި ވެސް އެކި ޖަލުތަކުގައި ބޭއްވުމަށް ރާވާފައިވާކަމަށް އެ އިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































