
ބޭސްފަރުވާއާއި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަށް ވެސް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓީއެފްސީއާ)ގެ ފައިނޭންސިން ފެސިލިޓީ ލިބޭތޯ ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރޫރީ މުދާ އިމްޕޯޓްކުރަން 1.5ބިލިއަން ޑޮލަރުގެ ފައިނޭންސިން އެގްރިމެންޓްްއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓީއެފްސީއާ)އެކު ރާއްޖެއިން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވަނީ އެންމެ އިސްކަންދޭ ކަންކަމަކީ ގައުމީ އިގްތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށާއި، ލޮޖިސްޓިކްސްގެ ހިދުމަތްތައް ނިއުކުރުމަށާއި، ގައުމީ ސިއްހީ ސަޕްލައި ޗޭން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު ގައުމީ މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ސަޕްލައި ޗޭން ކަށަވަރުކުރުމަށްޓަކައި ބޭސްފަރުވާއަށް ހާއްސަ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް ގާއިމުކޮށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަށް އިސްތިރާޖީ އެހީތެރިކަން ހޯދުމަށް އައިޓީއެފްސީ އާއެކު އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ އިގްތިސާދަކަށްވުމާއެކު، އެކަށީގެންވާ ވިޔަފާރި ފައިނޭންސިން ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، އެކަށީގެންވާ މާލީ އެހީތެރިކަން ލިބުމަކީ އަސާސީ މުދާ މެދުކެނޑުމެއްނެތް ގޮތެއްގައި އެތެރެކުރުމަށާއި، އެތެރޭގެ ވެލިއު ޗޭންތައް ވަރުގަދަކުރުމުގެ އިތުރުން އޯއައިސީގެ މެންބަރު ގައުމުތަކާއެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައިޓީއެފްސީ އުފެދުނީއްސުރެ، އެ މުއައްސަސާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ވަރުގަދަ ބައިވެރިއެއް ކަމަށާއި ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް ފޯރުކޮށްދިން މުހިންމު އެހީތެރިކަމާއެކު ފެށުނު ގުޅުން، މިއަދު މައިގަނޑު ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަދަ މުހިންމު ދާއިރާތަކުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޕާޓްނަޝިޕަކަށް އެ ގުޅުން ބަދަލުވެފައިވާ ކަމަށެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































