ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން، އިބްރާހިމް މުހައްމަދު ސޯލިހު އަދި މުހައްމަދު ނަޝީދު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ކަމަށް ވިދާޅުވެ ރައީސް ނަޝީދާއި ސޯލިހުއާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަން ރައީސް ޔާމީން ހާމަކުރެއްވީ އިއްޔެއެވެ.

“ދެން”އަށް ކަށަވަރުވެފައިވާ ގޮތުން އެ ތިން ބޭފުޅުންގެ ބައްދަލުވުމެއް ބާއްވަން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ބައްދަލުވުން ބާއްވަނީ ކޮންތަނަކުކަމެއް ސާފެއްނުވެއެވެ.

ތިން ރައީސްއިން އެކުގައި މަސައްކަތް ނިންމެވި އިރު އެ ތިން ބޭފުޅުންނަކީ ވަރަށް ފަހަކާ ޖެހެންދެން ސިޔާސީ ގޮތުން ބޮޑު ހަތުރުންނެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލަށްލި އިރު ރައީސް ސޯލިހުގެ ވެރިކަމުގައި ޔާމީން ވަނީ ޖަލަށް ލައިފައެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ ތެރޭގައި ހުޅުފަޅައިގެން ގޮސް ރައީސް ނަޝީދު ވަކިން ޕާޓީއެއް ވެސް ހެއްދެވިއެވެ.

ތިން ރައީސްއިން އެއްގަލަކަށް އަރަން ނިންމެވުމާ ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިއީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހޯއްދެވުމުގެ ބޭނުމުގައި ކުޅެމުންދާ ކުޅިގަނޑެއްގެ ގޮތުގައި މުންދުވަނީ ސިފަކުރައްވައިފައެވެ.

Leave a Reply