
ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށްވުރެ ޑިމާންޑު އިންތިހާއަށް އުފުލުމާ ގުޅިގެން ދިވެހި ރުފިޔާ ކާޑުތަކަށް ދާދިފަހުން ކަނޑައެޅި ޑޮލަރު ލިމިޓުތަކަށް މި ހިނގާ މަސް ނިމުމުގެ ކުރިން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އޮންލައިންކޮށް ބޭރުގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލުތައް މުރާޖައާކޮށް، ކަސްޓަމަރުންނަށް ފަސޭހަވާނެހެން އެ ބަދަލުތައް ތަންފީޒުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ހުރަހެއް ނޭޅޭނެހެން ވީހާވެސް ފުޅާ ދާއިރާއެއްގައި ޑޮލަރު ފޯރުކޮށްދިނުމަކީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒުކަމަށްވާއިރު، މިކަމުގައި ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އޮތްކަން ވެސް ބޭންކުން ވަނީ ހާމަކުރައްވާފައެވެ.
މިގޮތުން، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މެދުވެރިކޮށް މަހެއްގެ މައްޗަށް 1،000 ޑޮލަރު ބޭނުންކުރެވެއެވެ. މީގެ އިތުރުން ސިއްހީ ފަރުވާ، ތައުލީމް، ޓިކެޓު އަދި ހޮޓާ ބުކިން ފަދަ ކަންކަމަށް 3،000 ޑޮލަރާ ހަމައަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބޭސްފަރުވާ އާއި ކިޔެވުމުގެ ހާއްސަ ހާލަތްތަކުގައި މިއަށްވުރެ އިތުރަށް ވެސް ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ރެކޯޑުތަކަށް ބަލާއިރު، ބޭންކުން ދޫކުރި ޑޮލަރުގެ ނިސްބަތް ވަނީ އާދަޔާހިލާފަށް އިތުރުވެފައެވެ. ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މީގެ ތެރެއިން 198 މިލިއަން ޑޮލަރަކީ ސީދާ ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކެވެ. އަދި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ އެވްރެޖްކޮށް 69 މިލިއަން ޑޮލަރެވެ. މި އަދަދުތަކަކީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































