
ރާއްޖޭގައި ކައިވެނި ރޫޅުމަށް ފަހު، ކުރީގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ދެރައެއް ދިނުމުގެ ނިޔަތުގައި، އެއްވެސް ކުށެއް ނެތް މަޢުޞޫމު ދަރިންނަށް އިހުމާލުވެ އެކުދިން ނިކަމެތިކުރުމަކީ މުޖުތަމަޢުގައި އަށަގަންނަމުންދާ ވަރަށް ނުރައްކާތެރި އަދި އެހާމެ އަނިޔާވެރި ޢަމަލެއްކެވެ. ދީނީ ގޮތުން ވެސް އެކަމަކަށް ބިރުވެތިވެ، ވިސްނަންވާނެ ކަމެކެވެ.
ކައިވެންޏެއް ރޫޅިގެން ދިޔުމުގައި ކޮންމެ ފަރާތެއްގެ ކުށެއް އޮތް ކަމުގައިވީނަމަވެސް، އޭގެ ބަދަލު ހިފުމުގެ ގޮތުން ދަރިންގެ ޙައްޤުތައް ނިގުޅައިގަތުމަކީ އިސްލާމްދީނުގައި ވެސް ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. މައިންބަފައިންގެ މެދުގައި އުފެދޭ ރުޅިވެރިކަމާއި ޙަސަދައިގެ ސަބަބުން އެންމެ ބޮޑު ނަފްސާނީ އަދި ޖިސްމާނީ ގެއްލުމަކާ ކުރިމަތިލާންޖެހެނީ، އެ މީހުންގެ ފުރިހަމަ ލޯތްބާއި އަޅައިލުމަށް ބޭނުންވެފައިވާ ދަރިންނެވެ. މިއީ ދަރިންގެ މައްޗަށް ހިންގޭ ވަރަށް ބޮޑު ލާއިންސާނީ ޖަރީމާއެކެވެ.
މިފަދަ ހިތްދަތި ޙާދިސާތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަދެއް ނޫނެވެ. މީސްމީޑިއާގައި ދައުރުވަމުދާ މިފަދަ ވޭނީ ވާހަކަތަކަކީ ކިޔާ މީހަކަށް ނުވަތަ އަޑުއަހާ މީހަކަށް ހިތަށް އަސަރު ކުރުވާނެ ހިތްދަތި ދިރިއުޅުންތަކެއްގެ ސަފްހާތަކެކެވެ. މިފަދަ ބައެއް ހާދިސާތަކަށް ނަޒަރު ހިންގާލާއިރު، ދެމަފިރިންގެ ހުރި ހަމަ އެންމެ އަންހެންދަރިއެކެވެ. ކައިވެނި ރޫޅި 8 އަހަރުގެ ދަރިފުޅު ބައްޕަ އަތުލުމަށް ފަހު، މައިމީހާ ގެއިން ނެރެފޮނުވާލީއެވެ. މަންމަ ކައިރިއަށް ދިއުމަށް ދަރިފުޅު ރޮނީއެވެ. މަންމަ ދަރިފުޅު ހޯދަން އައުމުން މަންމަ ހިތުގެ ޖައްސާ ދެރަކޮށްލުމުގެ ނިޔަތުގައި އެއްވެސް ރަހުމެއް ނެތި އެ ކުޑަ ދަރިފުޅުގެ ގައިގައި ގިތެޔޮ މިރުސް އުނގުޅާލީ އެ މައުސޫމު ދަރިފުޅަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ބައްޕަގެ ދެ އަތުންނެވެ. މިއަދާ ހަމައަށް ވެސް އެ ދަރިފުޅު އުފުލަމުންދަނީ އެ ހިތްދަތި އިހްސާސްތަކުގެ ވޭންތަކެވެ. އެ ބައްޕައަށް މިއަދު ވިސްނިއްޖެއެވެ. ނަމަވެސް ފުޑުފުޑު ވެގެން އެ ދިޔައީ އެ ބައްޕަ މުސްކުޅި އުމުރާ ހަމައަށް އައުމުން އެހީތެރިވެދޭން ހުރި ދަރިފުޅު ދިރިއުޅުމެވެ.
މިފަދަ އެހެން ހާދިސާއެކެވެ. އުމުރުން އެންމެ ފަސް އަހަރުގައި ބައްޕަ އާއި ވަކިކުރުވުމަށް ފަހު، އެ ދަރިފުޅު ބޮޑުކުރީ މައިވަންތަކަމުގެ އެއްވެސް ކުލުނެއް އަދި އޯގާތެރިކަމެއް ނެތިއެވެ. އަދި ބައްޕަ އެކުދިން ދޫކޮށްލާފައި ދިޔައީކަމަށް ބުނެ، ދަރިފުޅުގެ ހިތުގައި ބައްޕައާމެދު ނަފްރަތު އުފެއްދިއެވެ. ނަމަވެސް އުމުރުން އަށާރަ އަހަރުގައި މަންމަގެ ފޯނުން ފެނުނު މެސެޖުތަކަކުން، މަންމަ އެކަން ކުރީ ހަމައެކަނި ބައްޕައަށް ދެރައެއް ދިނުމުގެ ބޭނުމުގައިކަން ހާމަވިއެވެ. ކަމުގެ ޙަޤީޤާތް އެނގުމުން ބައްޕައާ މެދު ކުރެވުނު ކުށްހީގެ މައްޗަށް މަޢާފަށް އެދުމަށް އެ ޒުވާނާ ދިޔައިރު، ބައްޕަ ވަނީ މިދުނިޔެއާއި ވަކިވެފައެވެ. މަންމަގެ ސަބަބުން ލިބުނު ފުން ހިތާމައިގައި ބައްޕަ ނިޔާވެފައިވާއިރު، މިއީ އެއްވެސް ދަރިއަކަށް އިންސާފުވެރިގޮތެއް ނޫނެވެ.
ދެމަފިރިން ވަކިވެ ދިޔަޔަސް ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެގެ މައިންބަފައިންގެ ލޯތްބާއި އޯގާތެރިކަމާއި ހިމާޔަތް ބޭނުންވާނެއެވެ. އެއީ ކުދިން ކޮންމެ ފަރާތެއްގެ ބެލެހެއްޓުމުގެ ދަށުގައި ތިބި ނަމަވެސް މެއެވެ. އެހެންކަމުން، ކޮންމެ ދެމަފިރިއަކު ވަކިވާއިރު ވެސް، ކުދިންނާ ގުޅިގެން ކުރެވެންޖެހޭ މުއާމަލާތާއި ޚަރަދުތައް ކޮށްނުދެވޭނެ ދަރަޖައަށް ނުވެއްޓޭށެވެ. ދަރިންނަކީ ﷲ ކޮންމެ މަޔަކާއި ބަފައެއްގެ މައްޗަށް ދެއްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ޚިޔާނާތްތެރިވެއްޖެނަމަ، ﷲގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމާމެދު ވިސްނާށެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































