
އަނބިމީހާގެ 8 އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، ދަށު ކޯޓުން ފިރިހެނެއްގެ މައްޗަށް އިއްވާފައިވާ 18 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
މީގެ 13 އަހަރު ކުރިން، 2013ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން އެ މީހާގެ މައްޗަށް އުފުލީ، އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި، 18 އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމްކުރީ ފާއިތުވި އަހަރުގެ ތެރޭގައެވެ.
ދަށު ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކުށް ސާބިތުވި މީހާގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއިރު، އޭނާގެ ދިފާއުގައި ބުނެފައި ވަނީ އެއީ އާއިލާގެ ނުފޫޒު ފޯރުވައިގެން ކުއްޖާ ލައްވާ ހަދައިގެން ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުރި ދައުވާއެއް ކަމަށެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، ދަށު ކޯޓުގައި ވެސް އޭނާ ނަގާފައިވާ މި ދިފާއަށް ބާރުދޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން، ދަށު ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































