ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ބޯޓުދެލި ނަގާ މައިނެއް ގޮވި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާއަކީ މި ފަހުން ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. އެ ހާދިސާގައި ވަނީ 80އަށް ވުރެ ގިނަ މީހުން މަރުވެސްވެފައެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު  ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ އެ ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާ އެކު ރައީސް ތައުޒިޔާ ފޮނުއްވި އެވެ.

އެމަނިކުފާނު މެސުޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ރާއްޖެ ޗައިނާއާއި އެކުގައި ވާކަން ފާހަގަކުރައްވައި، މިހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް، ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށާ، އަދި މީހުން ސަލާމަތްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައި ވެއެވެ.

Leave a Reply