
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މެރުމަށް ދަށު ކޯޓުން އިއްވި ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019ގައެވެ. ފިލައިގެން އުޅެނިކޮށް، އަދުހަމް ހައްޔަރުކޮށްފައި ވަނީ 20 ޑިސެމްބަރު 2019ގައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އަދުހަމް، ގާސިމް މަރާލީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.
މި މައްސާލަގައި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 16 އޭޕްރީލް 2023ގަ އެވެ. އެއީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ކޯޓުގައި ބުނެފައި ވުމުންނެވެ.
މަރުގެ އަދަބު ތަކަކީ ތަންފީޒުކުރުމުގެ ކުރިން ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަކުރަން ޖެހޭ ކަމަކަށް ވާތީވެ، ދައުލަތުގެ ފަރާތުން އަދުހަމް މެރުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރިއެވެ.
ހައި ކޯޓުން މިއަދު ހުކުމްކުރީ އަދުހަމް ގާސިމް ހަސަން ފޭރުމުގެ ކުރިން ވަޅިއެއް ގަތް ކަން ސާބިތުވާ ކަމަށެވެ. އަދި ވަޅި ގަތުމުގައި އަނިޔާއެއް ދިނުމުގެ ނިޔަތް އޮވެގެން ވީހާވެސް ތޫނު ވަޅިއެއް ގަނެފައިވާ ކަން ވެސް ފެންނަން އެބަ އޮތް ކަމަށް ހުކުމުގައިވެއެވެ.
އެހެންވެ އަދުހަމް ގާސިމް މެރުމުގެ ނިޔަތް އޮތް ކަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ އެ ކަންތައްތައް އެ ގޮތުގައި އެބަ އޮތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެއެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































