
އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ޑިޖިޓަލް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ވަގުތުން ވަގުތަށް މަގުތައް ބެލެހެއްޓޭނެ ޒަމާނީ މޮނިޓަރިންގ މަރުކަޒެއް ގާއިމުކުރައްވާނެކަން އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިއުލާނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުޅި ވެރިރަށް ހިމެނޭހެން ޓްރެފިކްގެ އޮއިވަރު ރިއަލްޓައިމްކޮށް ދެނެގަނެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަންދޭ އެއް މަޝްރޫއުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ބޭރުގެ މާލީ އެހީތެރިކަން ހޯދައިގެން ނަމަވެސް މި ޓްރެފިކް ސެންޓަރު ވުޖޫދަށް ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރު އޮޕަރޭޓްކުރަން ފެށުމުން، ދިވެހި ފުލުހުންނަށް މަގުތަކުގެ ހާލަތު ވަރަށް ގާތުން ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ކާރޫބާރޫ ބޮޑުވާ ގަޑިތަކުގައި އުޅަނދުތައް އެހެން މަގުތަކަށް ބަދަލުކޮށް، ޓްރެފިކް ފްލޯ އޮމާންކުރުމަށްޓަކައި ޒަމާނީ އާލާތްތަކުގެ ބޭނުން ހިފޭނެކަމަށް ވެސް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ޓްރެފިކް މެނޭޖްކުރުން އެއްކޮށް ޑިޖިޓަލައިޒް ކުރުމަށްޓަކައި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަވާނެކަމަށް ވިދާޅުވިއެވެ.
މި ބޮޑު ބަދަލާ އެކު، ދާދިފަހުން ތަސްދީގުކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ތެރެއިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ހިންގުމަށްޓަކައި ވަކި ހާއްސަ އިދާރާއެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މި އިދާރާ ހިންގަމުން ގެންދާނީ “ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް”ގެ ނަމުގައެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































