ތަސައްވަރަކީ އަތޮޅުތެރޭގެ މަޝްރޫއުތައް ނިމިގެން 2028ގެ މިނިވަން ދުވަސް ފާހަގަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެެވެ.

ރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ހުރިހާ ރަށެއްގައި އެންމެ އަސާސީ ކަންކަން އަދި ހުރިހާ އަތޮޅެއްގައި އަސާސީ ހުރިހާ ކަމެއް ހާސިލްވާނެ މަގުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެ ގޮތުގެ މަތިން 2028ވަނަ އަހަރުގެ މިނިވަން ދުވަހު އަންނަ އިރު އެއިން ގިނަ ކަންކަން ހާސިލްވެފައި ހުންނާނެ ކަމަށް ތަސައްވުރު ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ތަސައްވުރު ހާމަކުރައްވަމުން އެންމެ ފުރަތަމަ ފާހަގަކުރެއްވީ ކޮންމެ ރަށެއްގައި ގާއިމުވުމަށް މަސައްކަތްކުރަމުންދާ މަސައްކަތްތަކެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުންނާނީ ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުނިކޮށްޓާއި ވޭސްޓް މެނޭޖުމަންޓް ސެންޓަރުތައް، ފިޓްނަސް ރިއެކްރޭޝަނަލް ސެންޓަރުތައް، އައުޓޯޑް ޖިމް، ކުޑަކުދިންގެ ޕާކުތައް، އޭޓީއެމްތައް، ފުލުހުންގެ މަރުކަޒުތައް ވެސް ގާއިމުވެފައި ހުންނާނެ ކަމަށް ތަސައްވުރުކުރައްވާކަން ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައި ލެބޯރެޓަރީ ހިމެނޭހެން ސިއްހީ ހިދުމަތް ވަރުގަދަކުރެވި، އިންކްލޫސިވް އެޑިއުކޭޝަން ނިޒާމު ހިމެނޭ ގޮތަށް ސްކޫލް އިންފްރާސްޓްރަކްޗާތައް ވަރުގަދަކުރެވިފައި ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ގްރުއާނާ ބެހޭ މަރުކަޒު، ފުޓުސަލް ދަނޑާއި ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ އިތުރަށް ކޭބަލާއި ޖެންސެޓް ހިމެނޭ ގޮތަށް ކަރަންޓުގެ ހިދުމަތް ފުރިހަމަވެގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާ ޝެޑުތައް، 30 މިނެޓުން ދަތުރުކުރެވޭ އިތުރު އެއާޕޯޓްތައް، ކޮންމެ އަތޮޅެއްގެ އެއް ރަށަށްވުރެ ގިނަ ރަށުގައި ސީޓީ ސްކޭން، ޑައިލިސިސް، ޕެޕްސްމިއާ، ޑިމޮގްރަފީ، ބްލަޑް ބޭންކާއި ތެލަސީމިއާ ހިމެނޭ ގޮތަށް ގިނަ ސިއްހީ ހިދުމަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބޭންކް ބްރާންޗް، ޕިކްނިކް އައިލެންޑް، ސްޕޯޓްސް ކޮމްޕްލެކްސް، އެމްއެންޔޫއާއި އައިޔޫއެމްގެ ކެމްޕަސް، އިސްލާމިކް ސެންޓަރުުތައް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮންމެ އަތޮޅެއްގައި ފުރަތަމަ ފަހަރަށް ފުރިހަމަވެ، ނިމިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“މި ހުރިހާ މަސައްކަތެއް ނިމިގެން 2040ވަނަ އަހަރު އަންނަ އިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއް އޮންނާނީ ހާސިލްކޮށް ބޮޑު ކާމިޔާބީއެއް 2028ވަނަ އަހަރުގެ ޖުލައި 26ގައި ލިބޭނެ،” ރައީސްގެ ތަސައްވުރު ހާމަކުރައްވައި ނިންމެވުމަށް ފަހު ވިދާޅުވިއެވެ.

އިތުރު މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން 100 ރަށުގެ ކައުންސިލް އިމާރާތާއި، ކަރަންޓަށް ކުރާ ހޭދައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް، އަދި ހިދުމަތްތައް ޑިޖިޓަލްކޮށް މޯލްޑިވްސް 2.0 ހަގީގީ މާނައިގައި ތަންފީޒުކުރަން ފެށުމަކީ ވެސް ރައީސް ތަސައްވުކުރައްވާ ކަންކަމެވެ. އަދި ރައްޔިތުންގެ އެކައުންޓްތަކަށް ޑޮލަރު ޖަމާކުރުމަށް ހިންގާ ސަރުކާރު ކުންފުނިތަކުގެ 10 ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމުމަކީ ވެސް އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ވިލިމާލޭގައި ގާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލް، މާލެ ހުރިހާ މަގުތައް ހެދުމުގެ މަސައްކަތް، ތިލަމާލެ ބްރިޖާއި ތިލަފުށްޓަށް މާލޭގެ ވިޔަފާރި ބަނދަރުު ބަދަލުކުރުމުގެ މަޝްރޫއު ނިމުމަށް ރައީސް އުންމީދުކުރައްވާާކަން ވިދާޅުވިއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ރިޔާސީ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ނިމި، އެ ތަންތަން ހަވާލުކުރެވޭ ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭ ވަރަށް ކުރިއަށް ދިއުމަކީ ވެސް ރައީސް ތަސައްވުރުގައި ހިމެނޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

Leave a Reply