ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައިވާ ބިންތައް ވަޒީރުންގެ މަޖިލީހަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު ކޮމިޓީން ފާސްކުރީ މުހިންމު އަކުރެއް އިތުރުކުރުމަށް ފަހުގައެވެ. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙްމަދު އައިފާން ހުށަހެޅުއްވި އަދި ކޮމިޓީގެ އަޣުލަބިއްޔަތުން ބަލައިގަތް މި އަކުރުގައި ބަޔާންކޮށްފައި ވަނީ، ދައުލަތަށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، މާލީ ވުޒާރާއިން އޭގެ އެކަށީގެންވާ މާލީ ބަދަލު ހަމަޖައްސައިދޭންވާނެ ކަމަށެވެ.

ކޮމިޓީން މި ބިލު ފާސްކުރި ނަމަވެސް، ތިން މެމްބަރަކު ވަނީ މިއާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އެއީ އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި، ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަޙްމާނެވެ.

ޤާނޫނަށް މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމެއްކަމަށް ބިލުގައި ފާހަގަކޮށްފައި ވަނީ، ސަރުކާރުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ހޯދުމުގެ އިޖުރާއަތުތައް ހަރުދަނާކޮށް، މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.

އަލަށް ގެނެވޭ އިސްލާހުގެ ދަށުން، ކައުންސިލްތަކުގެ އިޚުތިޞާޞްގައިވާ ބިމެއް ވަކިކުރުމަށް ކެބިނެޓުން ނިންމައި ކަމާ ބެހޭ އިދާރާއިން އެކަން އަންގާ ހިސާބުން، އެ ބިމެއްގެ މައްޗަށް ދައުލަތުގެ ފުރިހަމަ ބާރު ހިނގާނެއެވެ. އަދި ރަށުގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްވެފައި ނެތްކަމުގައި ވިޔަސް، ދައުލަތުގެ މަޝްރޫޢަކަށް ބިމެއް ބޭނުންވެއްޖެ ހާލަތެއްގައި އެ ބިމެއް ދޫކުރުން ކައުންސިލްތަކަށް ލާޒިމުކޮށްފައިވެއެވެ.

އޭގެ އިތުރުން، މަޤުބޫލު ސަބަބެއް ނެތި ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ނިންމުންތައް ނިންމުމަކީ ވެސް މި ބިލުގެ ދަށުން ކައުންސިލްތަކަށް މަނާކޮށްފައިވާ ކަމެކެވެ.

Leave a Reply