ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހު ގެނެސް، ގަޑިނުޖެހި އޮފީހަށް ހާޒިރުވުމަށް 30 މިނެޓުގެ އިތުރު ވަގުތެއް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، ރަސްމީ ގަޑި ފެށޭތާ ބައިގަޑިއިރުގެ ތެރޭގައި އިތުރު ހުއްދައެއް ހޯދުމަކާ ނުލައި މުވައްޒަފުންނަށް މަސައްކަތަށް ނުކުމެވޭނެއެވެ. ނަމަވެސް، މި ލުއި ބޭނުންކުރާނަމަ، އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އެކަމުގެ ސަބަބު އަންގަން ލާޒިމުކުރެއެވެ. އަދި މި 30 މިނެޓަށްވުރެ ލަސްވާނަމަ، އެ މުވައްޒަފަކު ގަޑިޖެހުނީ ކަމުގައި ބެލެވޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބަފަރ ޓައިމް ބޭނުންކޮށްގެން އޮފީހަށް ހާޒިރުވާ ފަރާތްތަކުގެ ރަސްމީ ގަޑި ނިމޭނީ، އެ މީހަކު މަސައްކަތަށް ނުކުތް ވަގުތަކާ އަޅާކިޔުމަށްފަހުގައެވެ. އެގޮތުން، ހެނދުނު 8:00އަށް އޮފީހަށް އަންނަންޖެހޭ މީހަކު 8:15ގައި ހާޒިރުވެއްޖެނަމަ، އޭނާގެ ޑިއުޓީ ނިމޭނީ މެންދުރުފަހު 2:15 ގައެވެ.

މި އިސްލާހުގެ ތެރެއިން، މިސްކިތްތަކުގައި މަސައްކަތްކުރާ މީހުންގެ ޑިއުޓީ ގަޑިތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކޮންމެ ނަމާދެއްގެ ބަންގީގެ 5 މިނެޓު ކުރިން މުދިމުން މިސްކިތަށް އައުމަށް ޝަރުތުކޮށްފައިވާއިރު، މަސައްކަތު މީހުން 15 މިނެޓު ކުރިން ގޮސް މިސްކިތް ސާފުކޮށް ތައްޔާރުކުރަން ޖެހެއެވެ. އަދި ކޮންމެ ނަމާދު ވަގުތަކު މަދުވެގެން ބައިގަޑިއިރު މިސްކިތުގައި މަޑުކުރުމާ އެކު، ދުވާލެއްގެ މައްޗަށް ޖުމްލަ 5 ގަޑިއިރު މަސައްކަތުގައި އުޅެންޖެހޭނެކަމަށް ވެސް އާ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

Leave a Reply