
ރާއްޖޭގެ ރަށްތަކުގައި ރަޖިސްޓްރީވެފައިވާ މީހުން އެ ރަށްރަށުގެ ރަށްވެހިކަން ދޫކުރަން ފީ ނަގާ ގޮތާ ގުޅޭ ގޮތުން އުސޫލެއް ހަދަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.
ދިރިއުޅުން މާލެއަށާއި އެހެނިހެން ރަށްރަށަށް ބަދަލުކުރަން ކުރިން ރަޖިސްޓްރީވެފައި އޮތް ރަށުގެ ރަށްވެހިކަން ދޫކޮށްލުމުގެ މައްސަލަތައް މިހާރު ވަނީ އިތުުރެވަފަ އެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލްއިން މިހާރު ވަނީ ރަށްވެހިކަން ދޫކޮށްލާނަމަ ބޮޑެތި އަދަދުން ފައިސާ ނަގަން ވެސް ނިންމައިފައެވެ.
އެގޮޔުން ފ. ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން 5000ރުފިޔާގެ ފީއެއް ނަގަން އެ ރަށުން ކައުންސިލްއިން އިއްޔެ އޮތީ ނިންމައިފައެވެ.
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު “ދެން”އަށް ވިދާޅުވީ ރަށްވެހިކަން ދޫކޮށްލާތީ ފައިސާ ނަގާ އަދަދާމެދު ޝަކުވާ ލިބެމުންދާ ކަމަށެވެ.
“ކައުންސިލްތަކަށް އެބަ އޮވޭ ފީ ނެގުމުގެ ހައްގު. އެއީ އިދާރީ ކަންކަމަށް ނަގާ ފީއެއް. ނަމަވެސް މިހާރު ބައެއް ރަށްރަށުން އެބަ ނަގާ 5000ރުފިޔާ. ދެން ބައްޕައަކާ ދަރިން ރަށްވެހިކަން ދޫކޮށްލާނަމަ އެ އަދަދު 15،000އަށް ވުރެ ވެސް މަތި އެވަނީ”ނިމާލު ވިދާޅުވިއެވެ.
އެހެންވެ ރަށްވެހިކަން ދޫކުރަން ފީ ނަގާ ގޮތާ ގުޅޭ ގޮތުން އުސޫލެއް ހަދަން މިހާރު ނިންމާފައިވާ ކަމަށް ނިމާލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އުސޫލު ހަދާނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާވެސްކުރުމަށް ފަހުއެވެ.
ނަމަވެސް އެ އުސޫލު ހަދައި އާންމުކުރާނެ ވަކި ދުވަހެއް ނިލާމު ވިދާޅެއް ނުވެއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































