
މޯލްޑިވިއަމް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާއަކީ ޒަމާނީ ޓެކްނޮލޮޖީއާ ބީރައްޓެހި “ބައްތި ނޮކިޔާ” ޒަމާނުގެ ބޭފުޅެއްގެ ގޮތުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސިފަކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ހުށަހެޅުއްވި ބިލާ ގުޅޭގޮތުން މަޖިލީހުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މެންބަރު އިބްރާހީމް ވިދާޅުވީ، ބިލާ މެދު ތަފާތު ގޮތްގޮތަށް ވާހަކަދެކެވެނީ އޭގެ އަސްލު މަގުސަދު ބައެއް ފަރާތްތަކަށް އޮޅުންނުފިލާތީ ކަމަށެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ އަޕްޑޭޓް ނުވާ، މީގެ ސޯޅަވަރަކަށް އަހަރު ކުރީގެ ވިސްނުމެއް ގެންގުޅުއްވާ ބައެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން މެމްބަރު ފާހަގަކުރެއްވީ، މީގެ 23 އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި އެ ނިޒާމު ބިނާކުރަން ފެށި ކަމަށާއި، އޭގެ ފަހުން އީ-ފާސް ތައާރަފުކުރެވުނު ނަމަވެސް އެކަން ކޮށްފައި ވަނީ މުހިންމު ގިނަ އުންސުރުތަކެއް އުނިކޮށްފައި ކަމަށެވެ. މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އީ-ފާސް ނިޒާމު އިނގިރޭސިވިލާތުގެ ބަޔަކާ ހަވާލުކުރިއިރު، އޭގައި އިސްރާއީލަށް ނިސްބަތްވާ ތިން މީހަކު ހިމެނޭކަމީ އޮތް ކަންބޮޑުވުމެއް ކަމަށާއި، މިހާރުގެ ސަރުކާރުން އެކަން އިސްލާހުކޮށްފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
މި ބިލަކީ ޒަމާނީ ޓެކްނޮލޮޖީއާ އެކު ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ގާނޫނެއްކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން އޮންލައިންކޮށް ހިދުމަތް ދިނުމުގައި ރައްޔިތުންގެ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީއަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން ލިބެންޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރުން އިސްކަންދެނީ ދެމެހެއްޓެނިވި ތަރައްގީއަށް ކަމަށާއި، މިއީ ކުރީ ސަރުކާރަށް ނުކުރެވި ހުރި މުހިންމު މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































