ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ޖަލުތަކުގެ އެތެރޭގައި ހިނގާ ކުށުގެ ޢަމަލުތައް މަދުކޮށް، ބެލެހެއްޓުންތެރިކަން ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޙަރަކާތެކެވެ. ނަމަވެސް، މި ހަރަކާތާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތެއް ފުލުހުން ވެސް އަދި ކަރެކްޝަންސްއިން ވެސް މިހާތަނަށް މީޑިއާތަކަށް ޙިއްޞާކޮށްފައެއް ނުވެއެވެ.

ޖަލަށް ވަގަށް ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ދާދި ފަހުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މި ހިނގާ މަހުގެ 15ވަނަ ދުވަހު ޒަމާނީ ބެގޭޖް ސްކޭނަރެއް ބަހައްޓާފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ މީހުން ފާސްކުރާނެ ބޮޑީ ސްކޭނަރުގެ ޚިދުމަތް ވެސް ތަޢާރަފުކޮށްފައެވެ. މިއީ ރާއްޖޭގެ ޖަލެއްގައި މިފަދަ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވުނު ފުރަތަމަ ފަހަރެވެ. މިފަދަ ވަސީލަތްތަކާ އެކު، އޮޅުވާލައިގެން މަނާތަކެތި ޖަލަށް ވެއްދުމުގެ ދޮރުތައް ބަންދުވެ، އެފަދަ ތަކެތި އަތުލައިގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފަހުގެ ތާރީޚެއްގައި ޖަލުތަކުގެ އެތެރޭގައި ތިބެގެން ރާވައިގެން ހިންގާ މަކަރާއި ޙީލަތުގެ މައްސަލަތައް ނުވަތަ ސްކޭމްގެ ބޮޑެތި ޢަމަލުތައް އިތުރުވެފައިވާކަން ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ. އަދި މިފަދަ ނެޓްވޯކްތައް އަތުލައިގަތުމަށް މީގެ ކުރިން ވެސް ފުޅާ ދާއިރާއެއްގައި ފާސްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

Leave a Reply