
ވަގަށް ނެގި ފޮށިން ފައިސާތައް ފެނުމުން ވެސް އެއީ ވަގަށް ނެގި ފޮށި ނޫން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޒިމް (44އ) ކޯޓުގައި ބުނެފިއެވެ.
މި މަހުގެ ކުރީކޮޅު ނާޒިމް ހައްޔަރުކުރީ މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ވަގަށް ގެންދިޔަ މައްސަލައިގައެވެ. އެހެންވެ ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައި ވަގަށްނެގި ފޮށި ގެންދިޔަ ތަން ހޯދައި އެ ފޮށި ވެސް ހޯދައިފައެވެ. އަދި އެ ފޮށި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފެނުނެވެ.
އެ މައްސަލައިގައި ނާޒިމް 15 ދުވަހަށް ބަންދުކުރަން ކުރިން ކޯޓުން އޮތީ އަމުރުކޮށްފައެވެ.
ނާޒިމްގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ބަންދަށް ޖަހާފައިވާ އިރު އޭނާ އުޅުނު ތަނުން ހޯދި ފޮއްޓަކީ ގެއްލުނު ފޮށިކަން ފުލުހުންނަށް ނުބުނެދެވޭ ކަމަށް ވެސް ނާޒިމް ކޯޓުގައި ބުންޏެވެ.
އޭނާގެ ބަންދަށް ލުއި ގޮތެއް ހަދައިދޭން ވެސް ކޯޓުގައި އެދުނެވެ. ނަމަވެސް ކޯޓުން ލުޔެއްނުދިނެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































