ބޮޑު އީދު ބަންދާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޑު އިންތިހާއަށް އުފުލުމާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރެއްވި ގޮތުގައި، އާންމުކޮށް އެހެން މަސްމަހު ބާއްވާ ފްލައިޓްތަކާ އަޅާބަލާއިރު މި ފަހަރުގެ އީދު ބަންދަށް މޯލްޑިވިއަންގެ ދަތުރުތައް ވަނީ ވިހި އިންސައްތަ އިތުރުކޮށްފައެވެ. އެގޮތުން، މި ޗުއްޓީ ތެރޭގައި އެކަނިވެސް އެ ކުންފުނިން 1،227 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ފަސްދޮޅަސް ހަތަރު ހާހަށްވުރެ ގިނަ ފަސިންޖަރުން މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގައި އޮޕަރޭޓުކުރާ އެހެނިހެން އެއާލައިންތަކުގެ ދަތުރުތަކާއެކު އީދު ބަންދުގައި ދަތުރުކުރާ މީހުންގެ ޖުމްލަ އަދަދު މިއަށްވުރެ ބޮޑުތަނުން އިތުރުވެގެންދާނެކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މުހިންމު މަންޒިލްތަކަށް ކުރާ ދަތުރުތަކަށް އޮތް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި، މޯލްޑިވިއަނުން ވަނީ މި ހަފްތާބަންދުގައި ވެސް ޚާއްސަ ދަތުރުތަކެއް ތާވަލުކޮށްފައެވެ. އޭގެ ތެރޭގައި، މެއި މަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:25 ގައި މާލެއިން ދަރަވަންދޫއަށް އަދި މެއި 31 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 19:50 ގައި މާލެއިން ކޫއްޑޫއަށް ކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް ހިމެނެއެވެ.

Leave a Reply