ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.566ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.635ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0އިންސައްތައިގެ ކުރިއެރުމެކެެ

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީ.ޖީ.އެސް.ޓީ)އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3އިންސައްތަ އިތުރުވެ، 2.757ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.331ބިލިއަން ރުފިޔާގައެވެ. ޖީ.ޖީ.އެސް.ޓީ އާމްދަނީއަށް ވެސް 7.7އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، އެއީ 4.375ބިލިއަން ރުފިޔާއެވެ. މި ކުރިއެރުންތަކާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4އިންސައްތަ އިތުރުވެ، 24.394ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތަކެއް ފެނިފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3އިންސައްތަ އިތުރުވެ 5.798ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2އިންސައްތަ އިތުރުވެ 1.542ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މުދަލުން ލިބުނު އާމްދަނީ 12.3އިންސައްތަ އިތުރުވެ 1.954ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0އިންސައްތަ އިތުރުވެ 0.515ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ދައުލަތުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ޚަރަދު 7.4އިންސައްތަ އިތުރުވެ 1.982ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6އިންސައްތަ އިތުރުވެ 2.839ބިލިއަން ރުފިޔާއަށް އަރާފައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ)ކުރި ޖުމްލަ ޚަރަދު ވަނީ 16.0އިންސައްތަ އިތުރުވެ، 4.312ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެހެނިހެން ޚަރަދުތަކުގެ ތެރެއިން މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1އިންސައްތަ އިތުރުވެ 5.556ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދު ވަނީ 43.7އިންސައްތަ އިތުރުވެ 10.366ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 71.8އިންސައްތަ އިތުރުވެ 4.265ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު ވަނީ 23.6އިންސައްތަ އިތުރުވެ 1.910ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާ ހިލާފަށް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ 5.2އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 3.801ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޖުމްލަކޮށް ބަލާއިރު، 08އޮކްޓޫބަރު 2026ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 35.984ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.3އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދަކީ 31.053ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 4.931ބިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 4.418ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ވަނީ ރެކޯޑް ކުރެވިފައެވެ.

Leave a Reply