
ޕޭޕަލް ރާއްޖެއަށް ގެނައީ މި ސަރުކާރުން ކަމަށާއި އިތުރު ކުރިއެރުންތައް ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕޭޕާލް ރާއްޖެއަށް ތައާރަފްވުމަކީ މި ސަރުކާރު ފެށިގެން އައިއިރުން ފެށިގެން ފެށި މަސައްކަތުގެ ނަތީޖާއެއް ކަމަށާއި ޕޭޕަލް ތަޢާރަފްކޮށްގެން އޭގެ ތެރެއިން ހިދުމަތް ހޯދުން ނުވަތަ ފައިސާ ގެނައުން ޑޮލަރު ގެނައުމުގެ ފުރުސަތު މިހާރު ލިބިގެން ގޮސްފައިވާ ކަމަށެވެ.
“ޕޭޕަލް ތަޢާރަފްކޮށްގެން އޭގެ ތެރެއިން ހިދުމަތް ހޯދުން ނުވަތަ ފައިސާ ގެނައުން ޑޮލަރު ގެނައުމުގެ ފުރުސަތު މިހާރު ލިބިގެން މި ދަނީ. ދެން އޮންނާނީ މިކަމުގެ ތެރެއިން ކުދި ކުދި ވިޔަފާރިތައް ކުރާ ފަރާތްތައް އެއްޗެހި އުފައްދާ ފަރާތްތަކަށް ތަކެތި ވިއްކާ ނޫނީ އެހެނިހެން ހިދުމަތްތައް ވިއްކާ އޭގެ ފައިސާ ލިބިގަތުން. މިކަން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ އެތަށް ފަރާތަކަށް ފުރުސަތު ލިބިގެން ގޮސްފައި.” ރައީސް ވިދާޅުވިއެވެ.
ޕޭޕަލްއަކީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗަކަށްވާތީ ރާއްޖޭގެ މައިކްރޯ އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޕޭޕަލް އާއެކު އިތުރު ކުރިއެރުންތައް ހޯދަމުން ދާނެކަމަށް ވިދާޅުވިއެވެ.
“ދެން އެހެންވީމަ އިރާދަކުރެއްވީއްޔާ ހަމަ އަޅުގަނޑުމެން ދާނީ ހަމަ އިތުރު ކުރިއެރުންތައް ހޯދަމުން ޕޭޕަލް އާ ގުޅިގެން އުރީދޫ އާ ގުޅިގެން . އަޅުގަނޑުމެން ގެންދާނީ އިތުރު ކަންކަން ތައާރަފްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނީ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު ގިނަ ބަޔަކު ޕޭޕާލްއަށް ލިންކު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޕޭޕަލް ތައާރަފްކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް 3280 ފަރާތަކުން ޕޭޕަލްއަށް ލިންކު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 2159 ފަރާތަކުން ވޮލެޓް އެކްޓިވޭޓްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































