
ގައުމީ ބޭންކުގެ ޖުމްލަ އެސެޓް އެ ބޭންކުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 60ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ޖެހިލައިފިއެވެ.
ބީއެމްއެލްގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރުފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރެއެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
ބީއެމްއެލްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކާމިޔާބީގެ މައްޗަށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި މިމަހުގެ ފުރަތަމަ 15ދުވަހު ދޫކުރި 488މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރި އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ.
ގައުމީ ބޭންކުގެ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ކުއާޓަލީ ރިޕޯޓް ދައްކާ ގޮތުން މި ނަތީޖާއިން އެނގެނީ ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަމެވެ. ބޭންކުގެ 43އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ އަހަރު ނިންމާލުމަށްފަހު މި އަހަރުވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ބީއެމްއެލްގެ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެކެވެ. މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































