ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިސްލާމާބާދަށް ވަޑައިގަތުމުން އެ މަނިކުފާނަށާއި ދިވެހި ވަފުދަށް އެރުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި މީސްމީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ރައީސް ވަނީ، މިއީ އެ މަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ޚާއްޞަ ޝަރަފެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ސަރުކާރާއި އާންމު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ގާތްކަމާއި މެހެމާންދާރީއަށްޓަކައި އެ މަނިކުފާނު ވަނީ ނިހާޔަތަށް ޝުކުރުވެރިވެވަޑައިގެންފައެވެ.

މި ތާރީޚީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމަށްޓަކައި ޕާކިސްތާނުގެ އިސްވެރިންނާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ރައީސް އުއްމީދުކުރައްވައެވެ. މީގެ އިތުރުން، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، އެކި ރޮނގުތަކުން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

Leave a Reply