
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ދަފުތަރުކުރެވިފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް 5،500ރުފިޔާގެ މަގުން ފައިސާ ޖަމާކޮށްދީފިއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 1447ވަނަ އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދަފުތަރުގައި ހިމެނޭ 2،384 ފަރާތަކަށް މި ފައިސާ ވަނީ ދޫކޮށްފައެވެ. މިގޮތުން މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 13،112،000 (ތޭރަ މިލިއަން އެއްލައްކަ ބާރަ ހާސް) ރުފިޔާ ވަނީ ބަހާފައެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް މުދަލު ޒަކާތުގެ ފައިސާއިން ބޮލަކަށް މިހާ ބޮޑު ޢަދަދެއް ދޫކުރެވުނު ފުރަތަމަ ފަހަރެވެ. ނިމިދިޔަ އަހަރު ކޮންމެ ފަޤީރަކަށް ދޫކޮށްފައި ވަނީ 5،000 ރުފިޔާއެވެ. އެހެންކަމުން، މިއަހަރު ދޫކުރި މިންވަރަކީ ނިމިދިޔަ އަހަރާ އަޅާބަލާއިރު މީހަކަށް 500 ރުފިޔާގެ އިތުރުވުމެކެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފެއްދެވުމާ އެކު، މުދަލު ޒަކާތް ނެރޭ ފަރާތްތަކުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































