މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކަނޑައަޅާފައިވާ ރަސްމީ އަގަށްވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކުމާއި އެފަދަ މުއާމަލާތްތައް ޕްރޮމޯޓްކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކާއެކު ފާސްކުރި މި ބިލުގައިވާ ގޮތުން، އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ފަދަ ބޭރު ފައިސާ ވިއްކާ ނުވަތަ ވިއްކަން އުޅޭ ފަރާތްތައް 25،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ މުއާމަލާތްތައް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ނުވަތަ އެހެނިހެން ގޮތްގޮތުން އިޝްތިހާރުކުރާ މީހުން 25،000އިން ފެށިގެން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އައު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މި އަމަލުގައި ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚްސެއް ބައިވެރިވެއްޖެނަމަ، 100،000 ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވެއެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލަށް ފުނަދޫ ދާއިރާގެ މެމްބަރު ގެންނެވި އިސްލާހާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ “ކެޓަގަރީ-އޭ”ގެ ވިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ. ކުރިން މި އަދަދު އޮންނަނީ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރާ ގޮތަށެވެ.

އައު ޤާނޫނު އޮންނަ ގޮތުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، އަހަރެއްގެ މައްޗަށް ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކޮންމެ ފަރާތަކުން، އެމްއެމްއޭއިން ހުއްދަ ދީފައިވާ ބޭންކަކަށް އެ ފައިސާ ޖަމާކުރަންޖެހޭނެއެވެ. ކުރިން މި އަދަދު އޮތީ 15 މިލިއަން ޑޮލަރުގައެވެ. އަދި ބޭންކް އެކައުންޓްގެ ތަފްސީލުތައް މަރުކަޒީ ބޭންކާ ހިއްސާކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ ހަމައެކަނި އެމްއެމްއޭގެ ލައިސަންސް އޮންނަ ފަރާތްތަކަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އަމާޒުކޮށް ފަރުމާކުރި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް 12 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

Leave a Reply