
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ދެވަނަ ސެމިސްޓަރގެ 67 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ޕީއެސްއެމްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި މަޢުލޫމާތު ޙިއްޞާކުރައްވަމުން، އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝީނާ ވަނީ، މިއީ އޭލެވެލް ނިންމާފައިވާ ދަރިވަރުންނަށް ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ދަރިވަރުންނަށް ފަސޭހަކަމާ އެކު އުނގެނުމުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި ވާޗުއަލް ކްލާސްތަކާއި އޮންލައިން ސެޝަންތައް ވެސް މިފަހަރުގެ ކޯސްތަކުގައި ވަނީ އެކުލަވާލާފައެވެ.
މިފަހަރު ހުޅުވާލެވުނު ފުރުޞަތުތަކަށް ބަލާއިރު، ޕީއެޗްޑީ ފެންވަރުގެ އެއް ޕްރޮގްރާމާއި މާސްޓަރސް ފެންވަރުގެ 15 ޕްރޮގްރާމެއް ހިމެނެއެވެ. ޚާއްޞަކޮށް ޕީއެޗްޑީއަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދޭ ދެ ކޯހެއްކަމަށްވާ ‘މާސްޓަރސް އިން ޓީޗިންގ ހަޔަރ އެޑިޔުކޭޝަން’ އަދި ‘މާސްޓަރސް އިން ރިސަރޗް ޕަބްލިކޭޝަން’ ޑރ. ޝީނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން މަދުކަން ފާހަގަކުރައްވައި، ތަޢުލީމީ ވުޒާރާއާއި ގުޅިގެން ފަރުމާކޮށްފައިވާ ‘ޑިޕްލޮމާ އިން ސްޕެޝަލް އެޑިޔުކޭޝަން’ އަކީ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ޕްރޮގްރާމެއްކަން އެކަމަނާ ހާމަކުރެއްވިއެވެ.
ހަމަ އެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޞާލިޙް ވަނީ، ތަޢާރަފުކުރެވޭ ‘ސެޓްފިކެޓް ލެވެލް 4 އިން ސްޕިރިޗުއަލް އިންޓެލިޖެންސް ކައުންސިލިންގ’ ކޯހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، އިސްލާމީ އުޞޫލުތަކުގެ ތެރެއިން މީހާގެ ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މި ކޯހުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަލަށް އިއުލާނުކުރެވުނު ޕްރޮގްރާމްތަކުގެ ތެރޭގައި ޕޯސްޓް ޑިޕްލޮމާގެ 1 ކޯހާއި، ފުރަތަމަ ޑިގްރީގެ 16 ކޯހަކާއި، އެސޯސިއޭޓް ޑިގްރީގެ 1 ކޯހެއްގެ އިތުރުން، ޑިޕްލޮމާ ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ފެންވަރުގެ 22 ކޯހެއް ހިމެނެއެވެ. އައިޔޫއެމްއިން ބުނެފައިވާ ގޮތުގައި، ކޯސްތަކާ ގުޅޭ އިތުރު ތަފްޞީލާއި އެޕްލިކޭޝަން ފޯމު އެ ޔުނިވަރސިޓީގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން 1405 ހޮޓްލައިން މެދުވެރިކޮށް ނުވަތަ 7923247 އަށް ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކުރުމުން ވެސް އިތުރު މަޢުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ މަޢުލޫމާތު ދީފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ އިސްލާމީ ޔުނިވަރސިޓީއަކަށް ވުމަށް އައިޔޫއެމްއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































